Powered by Blogger.
Friday, December 16, 2011

ވެރިންނޭވެ! ތިޔަބައިމީހުން ހުށިޔާރުވާށެވެ.

 ރައްޔިތުމީހާ (ކިޔުންތެރިއެއް)

ވެރިންނޭވެ! ތިޔަބައިމީހުން ހުށިޔާރުވާށެވެ. ތިބާއަކީ މިދުނިއެއަށް އައި އެންމެފުރަތަމަ ވެރިއެއް ނޫނެވެ. ދުނިޔެމަތީގައި ވެރިކަންކުރި އެހެން ވެރިންގެ ޙަޔާތުން ފިލާވަޅު ލިބިގަންނާށެވެ. އެހެން މީހުން ވެރިކަން ކުރި ގޮތާއި ވެރިކަމުން ފޭބި ގޮތެވެ. މީސްތަކުންގެ މައްޗަށް ވެރިކަންކުރި މީހުންގެ ތެރޭގައި އިލާހުން ކަމަށް ޤަބޫލުކުރި މީހުންވެސް އުޅުނެވެ. މިސާލަކަށް މިސްރުގެ ފިރުޢައުނެވެ. އޭނާ މީސްތަކުންގެ މައްޗަށް ވެރިކަންކުރަމުން އައީ ޖައްބާރު ކަމާއެކުގައެވެ. ރައްޔިތުންނަށް ގެއްލުމާއި ހަލާކު ކުރިމަތިކުރަމުންނެވެ. އެމީހުންގެ އިޙުޞާޞްތަކަށް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ. އުފަލުގައި ތަޙުތުމަތީގައި ދުވަސްކޮޅަކު މީސްތަކުންނަށް ދުއްތުރާ ކުރުމުގައި އުޅުމަށްފަހު، ސަރަފާ އިއްޒަތުގައި އަދިވެސް ފަނާވެ ނުދާނޭހެން ދުނިޔެމަތީގައި މިސްރު މީހުން އެ ފިރުޢައުނު ބާއްވާފައިވަނީކަމަށް ހީކުރަނީހެއްޔެވެ. ނޫނެކެވެ. ނަމަވެސް އަންނަން ތިބި ވެރިންނަށް ހުރި ޢީބުރަތެއްގެ ގޮތުގައި އަދިވެސް ފަނާވެނުދާނެގޮތް މެދުވެރިކުރައްވައި އޭނާގެ އެފުރާނަނެތް މަސްގަނޑު ﷲ މިބިންމަތީގައި ބާއްވާފައިވަނީއެވެ. ފަހެ ތިޔަބައިމީހުން އިބްރަތް ޙާޞިލްކުރާބަޔަކަށް ހަމަ ނުވާނަން ހެއްޔެވެ.


އެންމެހައި ވަޒީރުންނޭވެ! ފިރުޢައުނު ވަޒީރެއްގެ ގޮތުގައި ގެންގުޅުނު ހާމާނުގެ ޙަޔާތުން ޢިބުރަތް ލިބިގަންނާށެވެ. އޭނާވެސް މީސްތަކުންގެ މައްޗަށް ތަންފީޒުކުރުމަށްޓަކައި ޤާނޫނުތައް ހަދައި އޭނާގެ ވެރިމީހާ ލައްވައި ފާސްކޮށް އެ ތަންފީޒުކޮށް އުޅުނެވެ. ނަމަވެސް ދުނިޔޭގައި ތާއަބަދަށް ހުރެވޭގޮތެއް ނުވިއެވެ. މަރުވާން ޖެހުނެވެ. މަރުވެގެން ދިއުމަށްފަހު އޮތީ ކޮންގޮތެއް ތޯއެވެ. އަލިފާނެވެ. އަދި އޭގެވެސް އެންމެ އަޑިއެވެ. ފަހެ ތިބާ އަށް ހަމަ ޢިބްރަތަކަށް މިކަންވެސް ނުފުދެނީހެއްޔެވެ!


ފަހުގެ ތާރީހުތަކުންވެސް މިފަދަ މިސާލުތައް ބަލައިފިނަމަ ފެންނާނެއެވެ. މިސާލަކަށް ޔަޙޫދިންގެ އެރިޔަލް ސެރޯން ކިޔާ މީހަކު މިދޭތެރެއަކުން ވަރަށް އަވަދި ނެތި ވެރިކަމުގައި އުޅުނު މަންޒަރުތައް ތިބާ ވާނީ ބަލާފައެވެ. އޭނާ ވެރިކަން ކުރީޔަކީ އޭނާއާއި ހަވާލުވެފައިވާ މީހުންގެ މައްޗަކަށެއް ނޫނެވެ. އެބައިމީހުންގެ ޙާލު އަހުވާލު ބަލައި އެބައިމީހުންގެ އިޙްޞާޞްތަކާއި ޝަކުވާތައް އަޑުއަހާފައެއް ނުވެއެވެ. ބެލީ މުސްލިމުންގެ މައްޗަށް ވެރިކަން ކުރާށެވެ. ނުވަތަ މުސްލިމުން ނައްތާލާށެވެ. މުސްލިމުން ދިރިއުޅެމުން ދިޔަ ޤައުމެއް އަތްދަށުލާށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. އަދި އިންޝާ ﷲ ދުވަހަކުވެސް ނުވެސް ވާނޭމެއެވެ. ދެން ދުވަސްކޮޅެއް ފަހުން ފާޑަކަށް ބަލިވެ، އޭނާގެ އަޑު މީޑިޔާތަކުންނާއި މުޖުތަމަޢުތަކުން ފަނޑުވިއެވެ. އަދި އޭނާގެ ނުބައިކަންނޫން އެހެން ވާހަކައެއް އޭނާއަށް ރައްދުކޮށް މީހަކު ބުނާތީ ނުއިވެއެވެ. ނަމަވެސް މީސްތަކުން ސިއްސުވާލީ އެއްވެސް ހަރަކާތެއް ނެތި 5 އަހަރު ދުވަހު އޮތުމަށްފަހު އިނގިއްޔެތް ހަރަކާތް ކޮށްލި ޚަބަރެވެ. ނުބައިކަން މީސްތަކުންނަށް ދެއްކި ވެރިއެކެވެ. ނަމަވެސް ކުރެވުނު އަދި ލިބުނު އެއްވެސް އެއްޗެއް އެބައޮތް ހެއްޔެވެ. އެންމެކުޑަމިނުން މީސްތަކުންގެ ރުހުންވެސް ނުލިބުނެވެ. އަދި މީހަކު ޘަނާއެއްވެސް ނުކިއެވެ. އެހެންކަމުން އަދި ދިރިހުރި މިމިސާލުން ޢިބްރަތް ޙާޞިލްކޮށްލާށެވެ.


ތިޔަބައިމީހުންނީ ވަރަށް ބޮޑު ޒިންމާއެއް ބޮލުގައި އެޅިފައިވާ ބައެއްކަމުގައި ޤާބޫލުކުރާށެވެ. އެއީ ހަމަ ޙަޤީޤަތެކެވެ. ކޮންމެ މީހަކީވެސް މަސްޣޫލުވެރިއެވެ. އެ މަސްޣޫލިއްޔަތުތަކާއި ޤިޔާމަތް ދުވަހުން ހަމަކަށަވަރުންވެސް ސުވާލުކުރެވޭނެއެވެ. މިކަން އަބަދުވެސް ހަނދާންކުރާށެވެ. އަދި ﷲ ވޮޑިގެންވާކަންވެސް ހަނދާނުގައި ބަހައްޓާލުމަށް އެދެމެވެ!




1 comments:

Anonymous said...

Varah rangalhu, iburaiytheri liyumeh. Dhera-ee mikahala ecchethi fennanvaa meehun mi nubalaanethee..