Powered by Blogger.
Sunday, May 27, 2012

އެއްކޮއްލި ފިކުރު


ފެށުމަކާއި ނުލާ ފަށަމާއި ހިނގާށެވެ. ފުރަތަމަ ޝައިޚުން ސިޔާސީވީ ހިސާބުންނެވެ. މިއަދު ޝައިޚުން ސިޔާސީވުން އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ޝައިޚުން ކިޔަވައިގެން އައިސް ތިބެންވާނީ މިސްކިތްތަކުގައި ކުރީގެ އުއްމަތްތަކުގެ ރާހިބުން ތިބިހެންނެވެ. މިއީ އަލަކަށް މިއުއްމަތަށް ވަދެގެން އުޅޭ ފިކުރެކެވެ. ސާފުކޮއްލުމުގެ ގޮތުން ޖޯކެއް ކިޔައިލަދޭނަމެވެ. މިއީ ގޭގައި ރަތްކުލައަރާފައި އޮތް ފޮތްތައް ހާވަމުން ދިޔައިރު އެއިން ފޮތެއްގައި އޮތް ޖޯކެކެވެ.

ސިނގިރޭޓްބޯ މީހަކު ނިކަން ރުޅިއައިސްގެން ދަރިފުޅަށް އެއްޗެހި ގޮވަމުން ދިޔައެވެ. އެވަގުތު ރައްޓެއްސަކު އައިސް އެއްސެވެ. ބަލަ ކިހިނެތްވީހެއްޔެވެ؟ އެމީހާ ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. އަހަރެން ރޭގަނޑާއިދުވާލު މަސައްކަތްކޮށް ހަރަދުކޮއްގެން ދަރިފުޅަށް ޑޮކްޓަރުކަން ކިޔަވައިދިނީމަ އައިގޮތަށް އައިސް އެބުނީ މަމިބޯ ސިނގިރެޓްތަށް ނުބޯށޭއެވެ.
ތެދެކެވެ. ކިޔެވީމަ އެނގޭ އެއްޗެއް ނުކިޔަވާ މީހަކަށް ނޭނގޭނެއެވެ. ކިޔަވަން ފޮނުވީމަ ކިޔަވައިގެން އައިސް ޝައިޚުން ސިޔާސަތަށްވެސް ވަންނަން ޖެހޭނޭ ބުނީމަ އެންމެން އެކަމާ ދެކޮޅުވެގަތްގޮތް ފެނުމުން އަހަރެން އެދުވަހު އެޖޯކު ކިޔާފަ ހުނު ހުނުން ލަދަށް ބަދަލުވިއެވެ. އެއީ ހަމަ ވާނޭ ގޮތްކަން އަހަންނަށް ނޭނގި ހެވުނީތީއެވެ.

ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ މުސްލިމުންގެ ވެރިޔާއެވެ. ރަސޫލާއެވެ. އެއީ އެންމެ ސިޔާސީ މަޤާމެވެ. އެމަޤާމުގައި ހުންނަވައިގެން އުއްމަތަށް ދަސްކޮއްދިނީ ސިޔާސީ މައިދާނުގައި އަމަލު ކުރާނެގޮތެވެ. އެދެކެ، ފަހުމްވި، އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާޢި، އުޘްމާނުގެފާނު އަދި އަލީ (ރަޟިޔަﷲ ޢަންހުމް) ތަބާވީ އެމަންހަޖަށެވެ. އަދި މުއުމިނުތަކުންގެ ޚަލީފާއިންކަމުގެ މަޤާމު އަދާކުރެއްވިއެވެ. އެއީ އެވަގުތު އެންމެ ސިޔާސީ މަޤާމެވެ. އަދި އެތަނުގައި ހުންނަވައިގެން އުއްމަތަށްވަނީ އެދާއިރާއިން އެތައް ކަމެއް ދަސްކޮށްދެއްވާފައެވެ. އިސްލާމްދީނަކީ މިއީއެވެ. ދީނީ ޢިލްމްވެރިން ސިޔާސަތުގެ ތެރެޔަށްވަނީ މި ދީން އެނގުމުގެ ސަބަބުންނެވެ. އެހެނީ އިސްލާމީ ތާރީޚުގައި ދެކުން އެންމެ އުފާވެރި ވަރުގަދަ ދުވަސްތަށް ދުށީ ޢިލްމްވެރި ބޭބޭކަލުންގެ ވެރިކަމުގައެވެ. އަދި އެވެރިކަމުގައި ޚުތުބާދެއްވައި ފަތުވާދެއްވައި ދަރުސް ދެއްވާފައިވާކަމީ ތާރީޚް އުނގެނޭ އެކަކަށްމެ ވަންހަނާވެގެންވާނޭ ކަމެއް ނޫނެވެ. އެޔަށްފަހު އައި ދީނަށް ފިޤުހުވެރި ނުވެތިބި އަދި އޭގެ ޢިލްމު ފުރިހަމަޔަށް ނުލިބި ތިބި މީހުންގެ ސަބަބުން އިސްލާމީ އުއްމަތް ބާރުކެނޑިގެން ދިޔަކަމީ ދެމީހަކަ ދެބަސްނުވާނޭ ކަންކަމެވެ. މިވަރުން ޝައިޚުން ސިޔާސީ ވާންޖެހޭވަރު ވިސްނެންވާނެއެވެ.

ދެން ބަލާލަމާހެއްޔެވެ. 30 އަހަރު ކުރި ކަންކަން ގޯސްކަމުން ބޭލުމަށްފަހު އެއްފަހަރާ ރަނގަޅުވާނޭ ކަމަށްހީނުކުރައްވާށޭވެ. އެހެންކަމުން އެހެންވެރިއެއްގެ ދަށުގައި ބަސްއަހައިގެން ވޯޓުލައިގެން ތިއްބާ ފަހަރަކު ބަޔަކު އެމީހަކު ކައިރީން ދުރުވެ ވަކިވީ އެބައެއްގެ މަސްލަހަތަށްކަމަށްވެދާނެއެވެ. އެހެނަސް ދީނަށް ފުރައްސާރަކޮށް މަލާމާތްކޮށް ދީނީ ތައުލީމުން ރާއްޖޭގެ ދަރިން ދުރުކުރަން ކުރި މަސައްކަތް ފެނުނު ކޮންމެ މީހަކަށް، އެފަދަ ވެރިޔަކު ބަހައްޓައިގެން ކަންކަން ބޮއްސުންލާނޭކަން އެނގެންވާނެއެވެ. ދެން އެވެރިޔާވެސް ބަޔަކު ބަޤާވާތްކޮއްގެން ނަމަވެސް އިސްތިއުފާ ދެއްވި ދެއްވުމީ އުފާވެރި ކަމެކެވެ. އެހެނަސް ދުރަށްނުގޮސް ސިޔާސީ ދާއިރާގައި ބަޔަކު ނެރެ ޝައިޚުންނާއި ޖައްސުވާލި ޖައްސުވާލުން އެއީ އެންމެ ނުބައި ކަމެވެ.

ދަންނާށެވެ. ޝައިޚުން ކިޔަވަނީ ގޯސްގޮތާއި ރަނގަޅުގޮތެވެ. ހަރާމާއި ހަލާލްއެވެ. ހައްޤާއި ބާތިލެވެ. މިއިން ކަމެއްގައި ކޮންމެ މީހަކު ވީކަމުގައިވީނަމަވެސް އެބައިމީހުންނަށް ހައްޤުބަސް ބުނަން ޖެހޭނެއެވެ. ޕޮލިޓިކްސް އަކީ ޑާރޓީ ގޭމެއްނަމަ އެތާނގާއި އެ ޑާރޓީކޮށް ކުޅޭ މީހުން މަދެއްނުވާނެއެވެ. އެހެންކަމުން އެޔާއި މެދު ޝައިޚުން އެއްޗެކޭ ބުނީމަ، މީހުން ޝައިޚުންގެ ބަސް ޤަބޫލުކުރާނެއެވެ. މައްސަލައަކީ އެއީއެވެ. އެހެންވީމާ އެ ޝައިޚުންގެ، އެބާރު ކަނޑުވާލަން އެބަ ޖެހެއެވެ. އެގޮތުގެ މަތީން ޝައިޚުންގެ ބޮލަށްޖެހި ހަޑިއަކާއި އެކު، އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު އެކަން ޤަބޫލުކުރި ޤަބޫލުކުރުންވީ ރާއްޖެ އިސްލާމްވުމަށްފަހު ޖާހިލިއްޔަތަށްދާން ނެގި އެންމެ ބޮޑު ފިޔަވަޅަށެވެ.

ދީނުގެ ޙުކުމްތަކާއި ޙައްޤައި ބާތިލް ކިޔައިދޭން ތިބި  މީހުންގެ އަޑު ނާހާއި ދެން ކުރާނީ ކީއްތޯއެވެ؟ ދެން ހިނގާނީ ކޮންމަގަކުތޯއެވެ؟ އަމިއްލަ ސިކުނޑިންނާއި އަމިއްލަ ކުޅަދާނަކަމުން ދީން ދެނެގަނެވޭނޭނަމަ، ﷲ ތަޢާލާ ރަސޫލުންނެއް ނުފޮނުވީހެވެ. އަދި ކޮންމެ ބައެއްގެ ތެރެއިން ވަކި ބަޔަކު ދީނުގެ ޢިލްމު އުނގެނުން ވާޖިބު ނުކުރެއްވީހެވެ. އަދި ޢިލްމުވެރިންގެ އަގު އެތަށް ގުނައަކަށް ނުއުފުއްލެވީސްއެވެ. މިއީ ވިސްނާ މީހަކަށް ހުރި ދަލީލުތަކެކެވެ.
ދެން އަނެއްވާހަކައެވެ. ޔަހޫދީންގެ ބިރު މިހާރު ރާއްޖެއަށް ވަރަށް ބޮޑެވެ. ބޯޓު މަތިމަތިން ނުޖެއްސިއަސް އެމީހުންގެ ޕްލޭންތަށް ރާއްޖެއަށް އެކި ޕޯޓްތަކުން ވަދެ ޖައްސަމުންދާކަން ދަންނާށެވެ. ޤުރުއާނުގައި ﷲ ތަޢާލާ އެބައެއްގެ އަދާވާތްތެރިކަން އަންގަވާފައިވާ ބަޔަކު ދެން ބޭރުފުށް ކިތަންމެ ރީތިކުރިޔަސް ވާނީ ހަމަ އެ އެންގެވިފަދައިންނެވެ. އެއީ އެބައިމީހުންގެ ހިތްތަށް ދެނެވޮޑިގެންވާ އިލާހެވެ. މިކަން ޤަބޫލުނުކުރެވޭމީހާ މިހާރު އެހުރީ އެމީހުންގެ ފިކުރީ ހަނގުރާމައިގައި ޖެހި ނިމިފައެވެ.

އެމީހުން ފިކުރީ ހަނގުރާމަ ކުރާކަމީ ދުވާލުގެ އިރު ފެންނަފަދައިން ފެންނަ ކަންކަމެވެ. އެއީ މުސްލިމް އުއްމަތް އެމީހުން ދެރަ ނިކަމެތި ކޮއްލި ގޮތެވެ. އެއީ މިއަދުގެ މުސްލިމުން ދީނާ ދުރުކުރުވިގޮތެވެ. އެއީ އިސްލާމީ ޤައުމުގަށް ހަނގުރާމައިގެ މައިދާންތަކަށް ބަދަލުކޮއްލި ފިކުރެވެ. އެއީ ޝައިތާނާގެ ނުބައި ދިގު ރޭވުންތަކެވެ.

މަޑުމަޑުން އެތަށް އަހަރެށްވަންދެން މީހުންގެ ހިތުގައި ދުނިޔެއަށް ލޯބިޖައްސައި ދީނާއި ދުރުކުރުމަށް ކުރި މަސައްކަތުގައި އެންމެންވެސް ދެކެމުންއައީ ރާއްޖެ އަމާންތަނެވެ. ރާއްޖެ ސާފުތަނެވެ. ރާއްޖެ އިސްލާމުންނައިގެން ފުރިފައިވީތަނެވެ. މިހެންގޮސް ރާއްޖެ އެންމެން ސުވަރުގެވަދެވޭނޭ ހީވާ ދަރަޖައަށް މީސްތަކުންގެ ހިތްތަކުގައި ރާއްޖެ ރީތިކޮއްފައިވީއިރު ހަނދާންނެތިފައިވީ ދީނާއި ދުރުކުރެވެމުންދިޔަ ތަނެވެ. މިއުޒިކާއި ދުނިޔެވީ ކަންކަމުގެ ތެރޭގައި މީސްތަކުން ހުސްވަމުންދިޔަ އިރު ޝައިތާނާ ކެތްތެރިކަމާއެކު މަޑުކުރަމުންދިޔައީ "އެޓޭކިން" އަށް "ބެސްޓް" ވަގުތަކަށެވެ.

ދެން ވެރިކަން ބަދަލުވީއިރު ބަދަލުކޮއްލީ ހަލަބޮލިކަމާއި ތަޅާފޮޅުމުގެ ތެރޭގައެވެ. ދީނީ ޢިލްމްވެރިންނަށް އަނގަހުޅުވާލުމުގެ ފުރިހަމަ މިނިވަންކަން ދިނީއަކީ ނޫނެވެ. ދުނިޔޭގައި ލެއްވިހާ ނުބައިކަމެއް ކިޔުމުގެ "ފުރިހަމަ" މިނިވަންކަން އެންމެނަށް ދިނީއެވެ. އެކަމުގެ ސަބަބުން އައި ނުބައިފިކުރުތަކާއި ދެކޮޅަށް ތެދުވެ ޖަދަލުކޮށް ރައްދުދީ އެބައިމީހުންގެ އަޤީދާތަކުގެ ބާތިލުކަން ބަޔާންކޮއްދޭން ތެޅިތެޅި ވަރުބަލިވީ މީހުންނަށް ނޫނީ އެކަން އިހްސާސްނުވާނެއެވެ. ތެދެކެވެ. ޢިލްމްވެރިންތިބީ ޢިލްމުހޯދައިގެންކަމުން އެބައިމީހުންގެ އަޑު ގަދަވެފައި ބާރުވުމުން އެހެން ގިނަ ފިކުރުތަށް ނިކަމެތިވީނަމަވެސް އެޔަށް ވެރިކަމުން ބާރުދީ "އަނެއް ފިކުރު" ފަތުރަން ޖެހޭނޭ ބުނެ އޮއްޓުއެޅީމައި ފުރަތަމަ ފަހަރަށް ފާޅުގައި އެހެންދީންތަކަށް ފަރުސަތުދޭން މުޒާހަރާ ކުރެވުނެވެ. އެޔަށްފަހު ރަށްރަށުގައި ރާވިއްކޭގޮތް ހަނދަން ކުރި މަސައްކަތަކީ އިތުރަށް ރަށްތަށް ފިތުނަވެރި ކުރުވަން ކުރި ކަންކަމެވެ.

ދެން 23 ޒިކުރުކޮއްލާށެވެ. އެދުވަހު ދީނޭ ބުނީމަ އިދިކޮޅަށް ނުކުމެ ދީނަށް ކުރި ފުރައްސާރަ ހަނދުމަކުރާށެވެ. ތެދެކެވެ. މީހަކު އޭނަގެ ދަރި ކުޑައިރު ކައިވެނި ކުރުވަން ބޭނުން ނުވުމަކީ މައްސަލައެއްނޫނެވެ. އެހެނަސް އެދުވަހު ބަޔަކު އެތަނަށް އެއްވީ ކުޑަކުދިން ކައިވެނިކުރުވަންތޯއެވެ؟ ނޫނީ އެއްވެސް މީހަކު ކުޑަޢިރު ކައިވެނި ނުކުރެވިގެން ދަރުސްއެއްގައިވެސް އެއްޗެއް ބުނީތޯއެވެ؟ ނޫނީ އެހެންބުނިމީހެއްގެ ދަރިއާއި އިންނަން އެހީތޯއެވެ؟ ދެން ހާއްސަކޮށްފައި ނުވަ 9 އަހަރޭ ބުނުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ؟ އެހެނީ އެހެން ބުނާނީ ދެބޭނުމުން ކުރެ އެއްބޭނުމެއްގައެވެ. އެއީ ހަޤީޤަތުގައި ކަމެއްލައިގަނެގެން އެމީހެއްގެ ދަރި 9 އަހަރުގެ ދަރިއަކަށްވެފައި، އެދަރި ޅަކަމުން، ޅަ އިރު ކައިވެނި ކުރުވަން ބޭނުން ނުވެގެންނެވެ. ނޫނީ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޢައިޝަތު (ރަޟިޔަﷲ ޢަންހާ) އާއި 9 އަހަރުގައި ކައިވެނިކުރެއްވި ކުރެއްވުމަށް ހަޖޫޖަހާށެވެ. ފުރަތަމަ ސަބަބު ނަފީކުރާ ކަންކަން މަތީގައި ބަޔާންވެ ހިނގައްޖެއެވެ. ދެން ދެވަނަ ސަބަބު ސާފުކޮށް ފެންނަން އޮތީއެވެ.
މިވަރަކުން ނިމުނީއެއް ނޫނެވެ. ޝައިޚުންނަށް ބަދުބަސް ބުނަމުން ބުނަމުން ގޮސް އެންމެފަހުން ދީނެއް ނުވެސް އެނގޭ މިއުޒިކާއި ލަވަކުޅުމުގައި ނުވަތަ އެހެންގޮތަކަށްބުނާނަމަ ﷲ ޙަރާމްކުރެއްވި ކަންކަމުން ކައިބޮއެ އުޅޭމީހާއަށްވެސް ޝައިޚުންގެ ފަހަތުގައި ނަމާދު ނުކުރާށޭ ބުނެވޭހާ މީހުންގެ ދޫ މިނިވަންވިއެވެ. އެހިސާބުން މީސްތަކުންގެ މެދުގައި ފިތުނަ އުފެދި މުޒާހަރާތަކާއި ދީނަށް އުޅޭ ބަޔަކަށް ޖެއްސުން ކުރުން އިތުރުވިއެވެ.

އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވީ ހުސްއަތަކާއި ނޫންކަން ދަންނާށެވެ. ޔަހޫދީންގެ ޕްލޭން އެހާ ލުޔެއްނުވާނެއެވެ. ބަލާށެވެ. ވެރިކަން ދޫކޮށްދިޔައިރު ބާރު ނުކެނޑެއެވެ. ކައުންސިލްތަކެއްހަދާ ތަންތާ ފައިމުޑި ވިއްދައިފިއެވެ. އަމިއްލަ ޓީވީއެއްހަދައި މީޑިޔާގައިވެސް ބާރު ހިނގައިފިއެވެ. މިހާރު އެދަނީ އެބާރުތަކުގެ ބޭނުން ކުރަމުންނެވެ. ބުނަންހެއްޔެވެ. މިއަދު ނުވިސްނުނު އެއްޗެއް މާދަމައަކުން ނުވިސްނޭނެއެވެ. ކަންކަމުގެ އެތެރެއާއި ނުބައި، ބޭރުން ބަލަން ތިބޭބަޔަކަށް ފެންނާނީ މިވަރަށެވެ.

މިހާރު ސަރުކާރު ޤަބޫލުނުކުރަމޭ ކިޔާ ޝައިޚުން ދަރުސްތަކަށްވެސް ހުރަސްއަޅަނީއެވެ. ބަލަ އެއްފަހަރު ހުރަސްނާޅާ ސުވާލުކޮއްލައްވާށެވެ؟ ބަޢާވާތްކޮއްގެން އަންނަ ވެރިއަކަށް ތަބާވުމުގެ ހުކުމަކީ ކޮބައިހެއްޔެވެ؟ އެ ހައްޤު ބަސްވެސް ނުއިވޭހާ ފެންވަރަށް ދަރުސްތަކާއި ދެކޮޅުވެގަތުމުގެ ނަތީޖާ ވަރަށް ހިތިވާނެވެ.
ރައްޔިތުން ވިސްނާލުން ހުއްޓެވެ. މިއަދު މިދަނީ ރާއްޖޭގައި ބޮޑު ޕްރޮޕެގެންޑާއެއް ހިންގެމުންނެވެ. ދީނީ ޢިލްމުވެރިންގެ އަގު ވައްޓާލައި ހެޔޮބަސް އެހެމުން މީސްތަކުން މަނާވެގަންނަމުންނެވެ. ﷲ ގެ ކޯފާއަކާއި ބަޔަކަށް ކައިރިވެވޭނީ މިވަރަކަށެވެ. އެހެނީ ބައެއްގެ ތެރޭގައި ހައްޤަށް ގޮވާލައި ބަޔަކު ތިބޭހާ ހިނދަކު ﷲ ގެ ކޯފާ ނާންނާނެއެވެ. އެބައިމީހުން ނެތިއްޖެނަމަ ދެން ފަހެ އެ ބުނެވެނީ ކީކޭހެއްޔެވެ؟ ހިތާމައަކީ މިއަދު ބައެއްމީހުންގެ ކައިރީ މިހެން ބުނުމުން ބުނަނީ: އަންނަ އެއްޗެއް އައިސްދާނެއެއް ނޫންހެއްޔެވެ؟ ސުބުޙާނަﷲ އެވެ!!!

0 comments: