Powered by Blogger.
Thursday, February 9, 2012

އަހަރެމެންގެ ޤައުމުގެ މީހުންނަށް ވެފައިމިތިބީ ފަހެ ކީއްހެއްޔެވެ؟؟؟


އަހަރެންގެ ހިތުން އެކަކީވެސް ޤައުމުދެކެ ރުޅިއަރާ މީހެއް ނޫނެވެ. އެހެނަސް ވިސްނޭ ގޮތް ތަފާތުވުމުގެ ސަބަބުން ޤައުމު އަމާން އޮމާން ބަދަރަކަށް ގެންދިޔުމަށް އެކިމީހުން އެކި މަގު ހިޔާރު ކުރަނީއެވެ. ބައެއް މީހުން ކަނޑުވެ ދާއިރު ތެދުމަގަށް ފެނިގެން ގޮވާމީހުންވެސް  އުޅެއެވެ. އެހެނަސް އެކަން ހަޖަމް ނުކުރެވެނީ ހިތުގައި އެބައިމީހުންނާއިމެދުވާ ނުރުހުމެއްގެ ސަބަބުންނެވެ.

ވިސްނާލާށެވެ. ﷲ އަކީ ހަމައެކަނި ހައްޤުން އަޅުކަންކުރެވޭ އިލާހެވެ. ރަސޫލާއަކީ އެކަލާނގެ އަޅެކެވެ. އަދި އެކަލާނގެ ބާއްވާލެއްވި ޤުރުއާނަކީ ހައްޤު ބަސްފުޅެވެ. އަދި ރަސޫލާގެ ބަސްފުޅުތަކަކީ އަހަރެމެންނަށްވާ މަގެކެވެ. މިކަންކަމީ އަހަރެމެން ދެބަސްނުވާ ކަންކަމުގައިވަނީނަމަ އަހަރެމެން އެއްގަލަކަށް ނޭރިގެން މިއުޅެނީ ކީއްވެހެއްޔެވެ؟ އަހަރެމެން އެންމެންގެ އަޤީދާ އެކައްޗަކަށް ވީއިރު މިހާ ހިޔާލު ތަފާތުވުން ބޮޑުވާންވީ ކީއްވެހެއްޔެވެ؟


ފުރަތަމަ ކަމަކީ ވެރިޔާއެވެ. ﷲ ގެ ރަސޫލާގެ ފަރާތުން އަހަރެމެންނަށް ވެރިއެއްގައިގައި ހުންނަންވީ ސިފަތައް ވަރަށް ސާފުކޮށް އެބަ އެނގެއެވެ. އެކަލޭގެފާނަށް ތަބާވީ ޞަޙާބީންގެ އަމަލުތަކުންވެސް އެކަން އެބަ އެނގެއެވެ. ވެރިއެއް ވިއްޔާ ހޮވަންވާނީ އެންމެ ތަޤުވާވެރި ދީނީ މީހެކެވެ. އެއީ ﷲ ގެ ޙުކުމުން ޙުކުމްކުރުމަށާއި އަދުލުވެރިކަން ޤާއިމް ކުރުމަށެވެ. މިބުނި ކަންކަން ފުރިހަމަވާނަމަ ވިސްނުންތެރިއެއްކަމުގައި އޭނާ ވުމީ އެންމެ ގާތްގޮތެވެ. އެހެނީ ވިސްނުންތެރިކަންވެސް ވެރިއަކަށް ބޭނުންވާތީއެވެ. މިކަންކަމާއި އަހަރެމެން ދެބަސްވާންވީ ކޮން ސަބަބަކާއި ހުރެހެއްޔެވެ؟ އަހަރެމެންނަށް ރަސޫލާގެ ހަދީޘްތައް ނޭންގޭތީހެއްޔެވެ؟ ނުވަތަ އިސްލާމީ ތާރީޚް ނޭންގޭތީހެއްޔެވެ؟ ނުވަތަ އަހަރެމެން ތިބީ އިސްލާމްދީން ޤަބޫލު ނުކޮށްހެއްޔެވެ؟

ދެން ޝަރީއަތުގެ ނިޒާމަށް ބަލަމާހެއްޔެވެ! ރަސޫލާ 23 އަހަރު އުއްމަތަށް ދަސްކޮއްދެއްވީ ކޯއްޗެއް ހެއްޔެވެ؟ ހަމަ އެކަނި މިސްކިތުގެ ހަތަރުފާރުން އެތެރޭގައި ނަމާދު ކުރަންހެއްޔެވެ؟ ނޫނެކެވެ. ދަސްނުކޮއްދެއްވާ އެއްޗެއް ނެތެވެ. މުސްލިމުން ފަރުދީގޮތުން ކުރަން ޖެހޭ ކަންތައްތަކުން ގޮސް ޤައުމެއްގެ ހައިސިއްޔަތުން ކުރަން ޖެހޭނޭ ކަންކަންވެސް ދަސްކޮއްދެއްވިއެވެ. އިސްލާމީ ޝަރީޢަތުން ޝަރީއަތްކުރަން ދަސްކޮއްދެއްވިއެވެ. އަދި އެކަމުން އެއްކިބަވާ މީހުންނީ ކާފަރުންކަމާއި އަނިޔާވެރިންކަމުގައި ޤުރުއާނުގައިވެސް ބަޔާންވެގެން އައިސްފާވެއެވެ. މިކަންކަން މިހެން އޮތްކަން އަހަރެމެންނަށް ނޭންގެނީ ހެއްޔެވެ؟ ނުވަތަ އެހެން އޮތަސް ޑިމޮކްރަސީ ކިޔާ އިންސާނުން ހަދާފައިވާ ނިޒާމަކަށް މަރުދެނީ އަހަރެމެން އިސްލާމްދީން ޤަބޫލު ނުކުރާތީހެއްޔެވެ؟

ޢިލްމު ވެރިންނަށް ދެއްވާފައިވާ މަޤާމުވެސް އެފަދައެވެ. ރަސޫލާގެ ބަސްފުޅުތަކުންނާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުން އެބޭފުޅުންނަކީ އެހެންމިހުންގެ މައްޗަށް އިސްކުރެވިގެންވާ ބައެއްކަން އިތުރު ތައުވީލަކާއިނުލާ ވިސްނޭނޭވަރަށް އޮތީ ބަޔާންކޮއްދީފައެވެ. ކޮންމެ އިންސާނަކީވެސް ކުއްކުރެވޭނޭ އަދި ކުރާނޭ މީހެއްކަން އެންމެ ފުރިހަމަޔަށް ދެނެވޮޑިގެންވާ ﷲ އެބޭކަލުން އެހެން މީހުންގެ މައްޗަށް މާތްކުރައްވާ އިސްކުރެއްވީމަ އަހަރެމެން ނުކުމެ އެމީހުން ކުރިމަތީ ބަސްބުނަނީ އަހަރެމެންނަށް މިކަންކަން ފުރިހަމަޔަށް ނޭނގޭތީހެއްޔެވެ؟ ނުވަތަ އަހަރެމެންގެ އީމާންކަން ނެތުނީހެއްޔެވެ؟ ރަނގަޅެވެ. ދީނީ ގޮތުން ނޫން ގޮތަކުން އެމީހުންދޭ ހިޔާލު ގޯސްވެދާނެެއެވެ. އެހެނަސް އެއީކީ އެޢިލްމުވެރިންގެ ގަދަރު ކުޑަކުރަންވީ ކަމެއް ނޫންތާއެވެ.

މިހިން މިކަންކަން ބަޔާންވެ ފާޅުވެފައިވީއިރު އަހަރެމެންގެ ޤައުމު އަހަރެމެން ހަލާކުކުރަނީ ކީއްވެހެއްޔެވެ؟ އަހަރެމެން ޑިމޮކްރަސީއަށް މަރުދެނީ ކީއްވެ ހެއްޔެވެ؟ އަހަރެމެން ރަސޫލާ އެންގެވިހެން އަހަރެމެންގެ ވެރީންނަށް ދީންދެކެ ލޯބިވާމީހުން ނުހޮވަނީ ކީއްވެ ހެއްޔެވެ؟ އަހަރެމެންނަށް މި ހަމަނުޖެހުންތަކަކީ ފުރިހަމަ އިސްލާމީ ޝަރީއަތެއްގެ ސަބަބުން ނެތިގެން ދާނޭ އެއްޗެއް ކަމުގައި ޤަބޫލު ނުކުރެވެނީ ކީއްވެހެއްޔެވެ؟ ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ." އަދިވެސް ވެއެވެ. "އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!"  

ވުމާއިއެކު އެކަލޭގެފާނުގެ ކޮންމެ ބަސްފުޅަކީ އަހަރެމެން ތަބާވާންޖެހޭ ބަސްފުޅެކެވެ. އެއީ އެޔާއިނުލާ އަހަރެމެންގެ އީމާންކަމާއި އިސްލާމްކަން ފުރިހަމަ ނުވާނޭކަމެކެވެ. އަދިވެސް އަހަރެމެން ގޮތްދޫ ނުކުރަންވީ ކީއްވެހެއްޔެވެ؟ އުޒުރު ދައްކަންވީ ކީއްވެހެއްޔެވެ؟ އަހަރެމެން ހަމަ ހަޤީޤަތުގައިވެސް ވަނީ ﷲ އާއި ރަސޫލާއަށް އީމާންވެގެންވާ މީސްތަކުންގެ ތެރެއިންހެއްޔެވެ؟ ނޫނީ އަހަރެމެންނަކީ އެކަލާނގެ ފޮތާއި ރަސޫލާގެ ބަސްފުޅަށްވުރެ ޢިލްމުވެރި ބުއްދިވެރި ބައެއްކަމުގައި ހެއްޔެވެ؟ އަދި އެކަލާނގެ ޝަރީއަތާއި ރަސޫލާގެނެސްދެއްވި އެއްޗެއްސަކީ ފުރިހަމަނުވާ އުނި އެއްޗެއްކަމުގައި ދަޢުވާކުރާ ބައެއް ކަމުގައިހެއްޔެވެ؟ އަހަރެމެން ވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށް  ކާފަރުވާ މީހުންގެ ތެރެއިންހެއްޔެވެ؟ ހުރި ހަލާކެއްގެ ބޮޑުކަމާއިއެވެ. އަހަރެމެންގެ ޤައުމުގެ މީހުންނަށް ވެފައިމިތިބީ ފަހެ ކީއްހެއްޔެވެ؟؟؟

0 comments: